ބޭސް ފަރުވާއާއި ގުޅިގެން ދަޢުލަތުގެ އެހީއަށް އެދޭ ރައްޔިތުންނަށް، "އޯގާތެރި ސަރުކާރު" ޝިއާރުގެ ދަށުން، ލުއިފަސޭހަ އަވަސް ޚިދުމަތްތަކެއް ދިނުމަކީ ސަރުކާރުގެ އަމާޒެވެ. 'ވިރަ' އަކީ މި އަމާޒަށް ވާސިލުވުމަށްޓަކައި، ބޭސްފަރުވާގެ ކަންކަމާ ގުޅިގެން ދެ އިދާރާއަކުން ރައްޔިތުންނަށް ދެމުން އައި ޚިދުމަތްތަކެއް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ގުޅިގެން އާސަންދަ މެދުވެރިކޮށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭން ފެށި ޚިދުމަތެކެވެ.
މިއާއެކު އާސަންދަ ކުންފުނިން ފޯރުކޮށްދެމުންދާ އާސަންދަ އަދި މެރަނާ ސްކީމްގެ ޚިދުމަތްތަކާއި އެންސްޕާގެ ދަށުން ފޯރުކޮށްދެމުންދާ މެޑިކަލް ވެލްފެއަރ ޚިދުމަތްތައް އެއްތަނަކުން ލިބިގަތުމުގެ ފުރުޞަތު ރައްޔިތުންނަށް މިވަނީ ފަހިވެފައެވެ. މި ބަދަލާއެކު ކުރިން އާސަންދަ އަދި މެޑިކަލް ވެލްފެއަރއަށް އެދި ވަކިވަކިން ފޯމު ހުށަހެޅުމުގެ ބަދަލުގައި، އެހީ ބޭނުންވާ ފަރާތުން ހުށަހަޅަން ޖެހޭނީ އެންމެ ފޯމެކެވެ. އަދި އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޙާލަތު ބަދަލުނުވާހާ ހިނދަކު އިތުރު ފޯމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.
ކުރިން ދެ އިދާރާއަކުން ހޯދަންޖެހޭގޮތަށް އޮތް މި ޚިދުމަތްތައް އެއް ތަނަކުން ލިބުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު ލުއި ފަސޭހައެކެވެ. އަދި އެތައްފަހަރަކު ލިޔެކިޔުންތައް ހުށަހެޅުމުގެ ބަދަލުގައި އެއްފަހަރު ލިޔެކިޔުން ހުށަހަޅާގޮތަށް ހަމަޖެހިގެން ދިއުމަކީވެސް ޚިދުމަތް ހޯދުމުގައި ތަކުލީފު ކުޑަވެ، ޚިދުމަތް ލިބުން އަވަސްވެގެންދިޔަ ބަދަލެކެވެ.
މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު، ހުޅުމާލެ ހޮސްޕިޓަލު، ޓްރީޓޮޕް ހޮސްޕިޓަލު، އޭޑީކޭ ހޮސްޕިޓަލު އަދި އަތޮޅުތެރޭގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގަ ވަނީ އިސްވެ ދެންނެވުނު ޚިދުމަތްތައް ލިބޭނެ ކައުންޓަރު، 'ވިރަ' ކައުންޓަރުގެ ނަމުގައި ޤާއިމުކުރެވިފައެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ ބޭސްފަރުވާއާ ގުޅިގެން ދަޢުލަތުން ދެމުންގެންދާ އެހީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ފޯރުކޮށް، ވީހާވެސް ހަމަހަމަގޮތެއްގައި ދިނުމަށްޓަކައި، ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ހުރިހާ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގައި 'ވިރަ' ކައުންޓަރުތައް ޤާއިމުކުރެވިގެންދާނެއެވެ.
'ވިރަ' ކައުންޓަރުތަކުގެ އިތުރުން 'ވިރަ' މަޢުލޫމާތު މަރުކަޒުގެ ނަމުގައި ކަސްޓަމަރ އެކްސްޕީރިއެންސް ސެންޓަރެއްވެސް ވަނީ ހުޅުވިފައެވެ. ބޭސްފަރުވާގެ ކަންކަމާ ގުޅިގެން ދަޢުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކާއި އެ ޚިދުމަތްތައް ލިބިގަންނާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު މި މަރުކަޒުން ލިބިގެންދާނެއެވެ. އަދި އެ ޚިދުމަތްތައް ހޯދުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މި މަރުކަޒުން އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ. މިގޮތުން ބަލިމީހާއަށް ބޭނުންވާ ފަރުވާ ކުރިއަށް ގެންދިޔުމުގައި އެންމެ ފަސޭހަވާނެ ގޮތާއި، ފަރުވާކުރުމުގައި ދައުލަތުގެ ފަރާތުން ލިބެން ހުރި އެހީތައް މި ސެންޓަރުން އޮޅުންފިލުވައިދެވޭނެއެވެ. އަދި ބޭނުންވާ އެހީ ހޯދުމުގެ މަގު ތަނަވަސްކޮށްދީ ކުރިއަށްދާންވީ ގޮތުގެ އިރުޝާދާއި އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ.
'ވިރަ' ކައުންޓަރުތަކަށް ވަޑައިނުގެން އަޅުގަނޑުމެންގެ އޮންލައިން ޕޯޓަލް my.aasandha.mv މެދުވެރިކޮށްވެސް ފޯމާއި ލިޔެކިޔުން ހުށަހެޅުއްވޭނެއެވެ. އަދި އަޅުގަނޑުމެންގެ ހޮޓްލައިން 1400 ނަންބަރަށް ގުޅުއްވައިގެން ކޮންމެ ވަގުތަކުވެސް މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.