އާސަންދަ ސްކީމް

އިމަޖެންސީ އިވެކުއޭޝަން

"އިމަޖެންސީ އިވެކުއޭޝަން" އަކީ ބަލިމީހާއަށް ބޭނުންވާ ފަރުވާ ވަގުތުން ނުދެވިއްޖެނަމަ، ފުރާނައަށް ނުރައްކާވެދާނެ ޙާލަތްތަކުގައި ނުވަތަ ދާއިމީ ނުކުޅެދުންތެރި ކަމަކަށް ބަލިމީހާ ހިނގައިދާނެ ޙާލަތްތަކުގައި، ބޭނުންވާ ފަރުވާ އެންމެ ކައިރިން ލިބެން ހުރި މަރުކަޒަކަށް ބަލިމީހާ ގެންގޮސްދިނުމެވެ. މިޚިދުމަތަށް ޚަރަދު ކުރަނީ "ހުސްނުވާ އާސަންދަ" ސްކީމުންނެވެ. 

"އިމަޖެންސީ އިވެކުއޭޝަން" ޚިދުމަތުގެ މަޤްޞަދަކީ ބަލިމީހާއަށް ބޭނުންވާ ފަރުވާ ވީހާވެސް އަވަހަށް ފޯރުކޮށްދިނުމެވެ. މިކަން ހާސިލްކުރުމަށްޓަކައި ސިއްޙީ މަރުކަޒުތަކާއި، ސީ އެމްބިއުލަންސް ނުވަތަ ސްޕީޑް ބޯޓް، އަދި އޭވިއޭޝަން އޮޕަރޭޓްކުރާ ފަރާތްތަކާއެކު ހަލުވިކަމާއެކު މުޢާމަލާތްކޮށް، ވީހާވެސް އަވަހަށް ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

  • އާސަންދަ އިމަޖެންސީ އިވެކުއޭޝަން ފޯމް
  • ބަލިމީހާގެ ސައްޙަ އައި.ޑީ ކާޑުގެ ކޮޕީ
  • މެޑި ފޯމް (މި ފޯމަކީ ވައިގެ މަގުން ބަލިމީހާ އުފުލުމަށް ހުއްދައަށް އެދި އެއާލައިނަށް ހުށައަޅަންޖެހޭ ފޯމެކެވެ. މި ފޯމް ފުރުއްވާނީ ބަލިމީހާ ބައްލަވަމުންދާ ޑޮކްޓަރެވެ.)
  • މާބަނޑު ބަލިމީހެއްނަމަ، "އެސް.ބީ.އޭ.އާރ" (އެސްބާރ) ފޯމް 
  • ބައްޔާގުޅުންހުރި ޓެސްޓްތަކުގެ ކޮޕީ

 އިމަރޖެންސީ އިވެކުއޭޝަން ޚިދުމަތް ދިނުމުގެ އާންމު އުޞޫލުތައް:

  • ބަލިމީހާ ރިފަރަލް ސެންޓަރަށް ގެންދާނެ ގޮތް (ކަނޑު ނުވަތަ ވައިގެ މަގުންތޯ) ކަނޑައަޅާނީ ބަލިމިހާގެ ހާލަތާއި، ރިފަރަލް ސެންޓަރާއި ދޭތެރޭ ހުރި ދުރުމިނާއި ދަތުރުކުރުމަށް ހުރި ގޮތްތަކަށް ބެލުމަށްފަހު، ބަލިމީހާއަށް ވީހާވެސް ތަކުލީފުކުޑަކޮށް އަވަސް ފަރުވާ ލިބޭނެ ގޮތަކަށެވެ.
  • ސީ-އެމްބިއުލަންސް ހަމަނުޖެހިއްޖެ ހާލަތެއްގައި ހޮސްޕިޓަލް މެދުވެރިކޮށް އަމިއްލަ ފަރާތެއްގެ ލޯންޗުގައި ދަތުރުކުރެވޭނެއެވެ. އަމިއްލަ ފަރާތެއްގެ ލޯންޗެއްނަމަ ދަތުރު ކުރުމުގެ ކުރިން އާސަންދައިން ދަތުރުގެ ޚަރަދަށް އެއްބަސްވާންވާނެއެވެ. އަދި އެދަތުރެއްގެ ފައިސާ ހޯދުމަށް އާސަންދައަށް ބިލް ކުރަން ވާނީ ހޮސްޕިޓަލުންނެވެ.
  • ސީ-އެމްބިއުލަންސް ގައި ދަތުރު ކުރެވެން ނެތިގެން އަމިއްލަ ފަރާތެއްގެ ލޯންޗްގައި ދަތުރު ކުރުމަށް ބަލިމީހާގެ ފަރާތުން ފައިސާ ދައްކައިފި ނަމަ، އެފައިސާ އާސަންދައިން އަނބުރާ ދެއްކުމުގެ އުޞޫލެއް ނޯވެއެވެ.
  • ވައިގެ މަގުން އިމަޖެންސީކޮށް ދަތުރު ކުރާނަމަ، ބަލިމީހާ އަދި އެއް (1) އެހީތެރިއެއްގެ އެއްކޮޅު ޓިކެޓާއި މެޑިކަލް އެސްކޯޓެއް ބޭނުންވާނަމަ ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ ދެކޮޅު ޓިކެޓް ހުސްނުވާ އާސަންދަ ސްކީމްގެތެރެއިން ހަމަޖައްސާދެވޭނެއެވެ.
  • ބަލިމީހާ، ބަލިމީހާގެ އެހީތެރިއާ އަދި މެޑިކަލް އެސްކޯޓްގެ ހުރުމާއި ކެއުން ހުސްނުވާ އާސަންދަ ސްކީމްގެތެރެއިން ހަމަޖައްސައެއް ނުދޭނެއެވެ.