
މި ހިނގާ 2024 ވަނަ އަހަރުގެ އެޕްރީލު 1 ވަނަ ދުވަހުން ފެށިގެން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ ސްކީމްގެ ދަށުން ބްލޮކްކުރެވިފައިވާ ޖުމުލަ ޚަރަދަކީ 823 މިލިއަން ދިވެހި ރުފިޔާއެވެ. މިއީ ފާއިތުވީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %11.5 ގެ އިތުރުވުމެކެވެ. ފާއިތުވީ އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ބްލޮކްކުރެވުނު ޖުމުލަ ޚަރަދަކީ 738 މިލިއަން ރުފިޔާއެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ ޢަދަދުވެސް ވަނީ ފާއިތުވީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން ފާއިތުވީ އަހަރު ޚިދުމަތް ހޯދި މީހުންގެ ޖުމުލަ ޢަދަދު 260،725 ގައި ހުރިއިރު، މި އަހަރު މި ޢަދަދުވަނީ 265،059 އަށް އިތުރުވެފައެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމްގެ ދަށުން 1،232 ފަހަރަށް ބަލިމީހުން އިމަޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންދެވިފައިވެއެވެ. އަދި ޖުމުލަ 2،807 ބަލިމީހުން ވަނީ، ސްކީމްގެ ދަށުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައެވެ.