ވެލްފެއަރ ސްކީމް

ވެލްފެއަރ ސްކީމްގެ ތަޢާރަފް

މެޑިކަލް ވެލްފެއަރ އެހީގެ ނިޒާމަކީ ބަލިމީހުންގެ ބޭސްފަރުވާއަށް ހިނގާ ޚަރަދުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ބޭސްފަރުވާގެ ކަންކަމުގައި މާލީ ރައްކާތެރިކަން ކަށަވަރުކޮށްދީ، ކޮންމެހެން ބޭނުންވާ ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

 

ފޯރުކޮށްދޭ ޚިދުމަތްތައް:

  • މާލީ އެހީތެރިކަން (ކެއުންބުއިން، ހުންނާނެ ތަން، ޕްރައިވެޓް ރޫމް، ތެރަޕީ، އެޑްމިޓްކުރުން، އަދި ޓިކެޓް ފަދަ ޚަރަދުތަކަށް).
  • ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއި ޓިކެޓަށް ހިނގާ ޚަރަދުތަކަށް "ކޭޝްލެސް" ނުވަތަ އަތުން ފައިސާ ދައްކަން ނުޖެހޭ ގޮތަށް އެހީ ފޯރުކޮށްދިނުން.
  • އާސަންދައިގެ ދަށުން ކަވަރުނުކުރާ ބޭހާއި އިންޖެކްޝަންތަކަށް އެހީވުން.
  • ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ތަކެތި ހޯދުމަށް އެހީވުން (އޮކްސިޖަން ކޮންސެންޓްރޭޓަރ، ވޯކަރ، ނެބިއުލައިޒަރ، ސަކްޝަން މެޝިން، ފުރޮޅުލީ ގޮނޑި، ސީޕެޕް، ބައިޕެޕް، އަޑުއިވުމަށް އެހީވާ މެޝިން، ހޮސްޕިޓަލް އެނދާއި ގާޑިޔާ ފަދަ ތަކެތި).
  • އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލުން "ކޭޝްލެސް" ކޮށް އެޑްމިޓްކޮށްގެން ފަރުވާ ހޯދުން.
  • ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ބަލިމީހުން އުފުލުމުގެ ޚަރަދު.
  • އާސަންދައިގެ ދަށުން ނުލިބޭ އެހެނިހެން ބޭސްފަރުވާގެ ޚަރަދުތައް.

 

ޝަރުތުތަކާއި ކުރިމަތިލުން

ބޭސްފަރުވާގެ ކަންކަމުގައި މާލީ އެހީތެރިކަން ބޭނުންވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މި މަޝްރޫއުގެ ދަށުން އެހީއަށް އެދި ހުށަހެޅިދާނެއެވެ. އެހީއަށް އެދި ހުށަހަޅާނީ "މައި އާސަންދަ" ޕޯޓަލް މެދުވެރިކޮށް، ނުވަތަ އީމެއިލްއިން، ނުވަތަ އާސަންދަގެ ޚިދުމަތްދޭ ކައުންޓަރުތަކަށް ވެލްފެއަރ ފޯމު ހުށަހަޅައިގެންނެވެ.

 

އިދާރީ ހިންގުން

އެންސްޕާ (NSPA) ގެ ވެލްފެއަރ އެހީގެ ނިޒާމުގެ އިދާރީ ކަންކަން ބަލަހައްޓަނީ އާސަންދަ ކުންފުނިންނެވެ. ހުށަހެޅޭ ހުރިހާ ފޯމުތަކެއް އާސަންދަ ޕޯޓަލް މެދުވެރިކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ހިއްސާކުރެވޭނެއެވެ. އަދި އެހީއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް އާސަންދަ އޮފީސް މެދުވެރިކޮށް ބަލިމީހުންނަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.