ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި 'ވިރަ' ކައުންޓަރު ޤާއިމުކޮށްފިއެވެ. މިއާއެކު އާސަންދަ ކުންފުނިން ފޯރުކޮށްދެމުންދާ އާސަންދަ އަދި މެރަނާ ސްކީމްގެ ޚިދުމަތްތަކާއި އެންސްޕާގެ ދަށުން ފޯރުކޮށްދެމުންދާ މެޑިކަލް ވެލްފެއަރ ޚިދުމަތްތައް މި ކައުންޓަރުން ހޯދުމުގެ ފުރުޞަތު ރައްޔިތުންނަށް މިވަނީ ފަހިވެފައެވެ.
ރަސްމީ ދުވަސްތަކުގެ މެންދުރުފަހު 14:00 އިން ރޭގަނޑު 22:00 އަށް ޓްރީޓޮޕް ހޮސްޕިޓަލުގެ 'ވިރަ' ކައުންޓަރުން ޚިދުމަތް ލިބޭނެއެވެ.
މި ކައުންޓަރު ޤާއިމުކުރެވިފައި މި ވަނީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ ބޭސްފަރުވާއާ ގުޅިގެން ދަޢުލަތުން ދެމުންގެންދާ އެހީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ފޯރުކޮށް، ވީހާވެސް ހަމަހަމަގޮތެއްގައި ދިނުމަށްޓަކައި، ރާއްޖޭގެ ހުރިހާ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގައި 'ވިރަ' ކައުންޓަރުތައް ޤާއިމުކުރުމަށް އާސަންދަ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.އެގޮތުން މީގެ ކުރިން ވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި 'ވިރަ' ކައުންޓަރު ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައެވެ.
އާސަންދަ ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް 1400 ނަންބަރަށް ގުޅުއްވައިގެން ކޮންމެ ވަގުތަކުވެސް މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.