
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަޤާމު ފުރުއްވަމުން ގެންދެވި އަލްފާޟިލާ އާމިނަތު ޒީނިޔާ މިއަދު ޢައްޔަނުކޮށްފިއެވެ. 12 ފެބްރުއަރީ 2012 ވަނަ ދުވަހު އާސަންދަ ކުންފުނީގެ މެޑިކަލް ޑިރެކްޓަރުގެ މަޤާމަށް ވަޑައިގެންނެވި އަލްފާޟިލާ އާމިނަތު ޒީނިޔާއަކީ އާސަންދަ ކުންފުނީގައި މަސައްކަތް ކުރައްވާތާ އެންމެ ގިނަދުވަސްވީ އެއްމުވައްޒަފުކަމުގައި ވާނެއެވެ. ފަހުން އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަޤާމުން ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުންނަވަނިކޮށް މިއަދު ވަނީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފައެވެ. އާސަންދަ ސްކީމް ހިންގެވުމަށް ތަފާތު އެތައް މަސައްކަތްތަކެއް މިހާތަނަށް ކުރައްވާފައިވާ ޒީނިޔާ ވަނީ އާސަންދަ ކުންފުނީގެ މެޑިކަލް ޑިޕާޓްމަންޓާއި އެވެއަރނެސް ޑިޕާޓްމަންޓާއި ކަސްޓަމަރ ސަރވިސް ސެކްޝަނާއި ޕަބްލިކް ރިލޭޝަންގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓް ސެކްޝަންގެ މަސައްކަތްތައްވެސް ބަލަހައްޓަވާފައެވެ.
އާސަންދަ ކުންފުންޏަށް ވަޑައިގެންނެވުމުގެ ކުރިން، އަލްފާޟިލާ އާމިނަތު ޒީނިޔާވަނީ ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހަބިލިޓޭޝަން (މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ) ގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު އަދާކުރައްވާފައެވެ. އަލްފާޟިލާ އާމިނަތު ޒީނިޔާ ވަނީ ދިގުމުއްދަތަކަށް ނަރުހެއްގެ އެކިއެކި މަޤާމުތަކުގައި ސެންޓްރަލް ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާފައެވެ. އަދި 2008 ވަނަ އަހަރު ޑަބްލިއު.އެޗް.އޯ އިން ލިބުނު ސްކޮލަރޝިޕެއްގައި، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގްއިން މެންޓަލް ހެލްތު ނަރސިންގ އިން މާސްޓަރސް ޙާސިލް ކުރެއްވުމަށްފަހު ރާއްޖެވަޑައިގެން، ހެލްތު މިނިސްޓްރީގެ ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމަންޓްގައި، ޕަބްލިކް ހެލްތް ޕްރޮގްރާމްގެ ކޯޑިނޭޓަރގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. ހޮސްޕިޓަލްގެ ކްލިނިކަލް މަސައްކަތް ދޫކުރައްވާ މެނޭޖްމަންޓް ދާއިރާއިން ކުރިއަށް ވަޑައިގެން އަލްފާޟިލާ އާމިނަތު ޒީނިޔާވަނީ 2019 ގައި ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް، ބްރިސްޓޯލްއިން މާސްޓަރ އޮފް ސައިންސް އިން ޕަބްލިކް ހެލްތު ޙާސިލް ކުރައްވާފައެވެ.