ޚަބަރު

އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ފަށައިފި - 1 ޖަނަވަރީ 2024

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމަނުއްވާފައިވާ "ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުން" މިވަޢުދުގެ ދަށުން އެކިއެކި އުމުރުފުރާތަކަށް އަމާޒުކުރެވިގެން 1 ޖަނަވަރީ 2024 އިން ފެށިގެން ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް މެދުވެރިކޮށް މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި، ދިވެހިރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމާއި، އަދި  ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުމެވެ.

މިގޮތުން ޖަނަވަރީ 1 އިން ފެށިގެން ތިރީގައިވާ ތާވަލުގައިވާ ގޮތަށް، ސަރުކާރުގެ ހުރިހާ ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތައް މެދުވެރިކޮށް މެޑިކަލް ޗެކަޕްގެ ޚިދުމަތް ލިބިދެވޭނެއެވެ. އަދި އެ މީހެއްގެ ވަށައިގެންވާ ހާލަތްތަކަށް ރިޢާޔަތްކޮށް އެއް އަހަރުގެ ތެރޭގައި ދެ ފަހަރު މެޑިކަލް ޗެކަޕް ހަދަންޖެހޭ ފަރާތްތަކަށް، ދެވަނަ ފަހަރަށް މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތުވެސް ފަހިވެފައިވާނެއެވެ. މިކަމާގުޅޭ ތަފްސީލް "އާސަންދަ ސްކީމުގެ ދަށުން އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގައި ހިމެނިފައިވާނެއެވެ.

އެކިއެކި އުމުރުފުރާތަކަށް މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ތަންފީޛުކުރުމަށް ހަމަޖެހިފައިވާ ތާރީޚުތައް

އުމުރުފުރާ

ތަންފީޛުކުރަން ފަށާ ތާރީޚް

1)      އުމުރުން 50 އަހަރުން މަތި

1 ޖަނަވަރީ 2024

2)      35 އަހަރާއި 49 އަހަރާ ދެމެދު

1 އެޕްރީލް 2024

3)      19 އަހަރުން ދަށުގެ ކުދިން

(ސްކޫލް ސްކްރީނިންގ ޕްރޮގްރާމް މުރާޖަޢާކުރުމަށްފަހު ތަންފީޒުކުރުން)

1 އެޕްރީލް 2024

4)      19 އަހަރާއި 34 އަހަރާއި ދެމެދު

1 ޖުލައި 2024

މި ޚިދުމަތް ލިބިގަތުމަށްޓަކައި، ޚިދުމަތް ހޯއްދެވުމަށް ބޭނުންފުޅުވާ މަރުކަޒަކަށް (ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި، އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތައް އަދި މާލޭ ސިޓީގައި ނަމަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް އަށް)  ގުޅުއްވައި މެޑިކަލް ޗެކަޕް އަށް އެދި ނަންނޯޓް ކުރެއްވުމަށް 1 ޖަނަވަރީ 2024 އިން ފެށިގެން ހުޅުވާލެވޭނެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހޭ ތާރީޚުގައި އެ މަރުކަޒަކަށް ވަޑައިގެންނެވުމުން ޚިދުމަތް ލިބުމުގެ މަގުފަހިވެގެންދާނެއެވެ.

ޝާއިއު ކުރެވުނީ: 31-12-2023
މި ޕޭޖު ޝެއަރ ކޮށްލައްވާ