ޚަބަރު

އެނދުމަތިނުކޮށް ދޭ ފަރުވާތަކަށް އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ދިނުމަށް ބަދަލުތަކެއް ގެނެސްފި - 31 އޮކްޓޫބަރު 2024

ދެމެހެއްޓެނިވި ގޮތެއްގައި އާސަންދަ ސްކީމްގެ ޚިދުމަތްތައް ދިނުމަށްޓަކައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، އާސަންދަ ސްކީމްގެ އިސްލާޙީ މަސައްކަތުގެ ތެރެއިން، ސްކީމުގެ ދަށުން ޚިދުމަތް ދިނުމުގައި ބަދަލުތަކެއް ގެނައުމަށް އާސަންދަ ކުންފުނިން ނިންމައިފިއެވެ.

އެގޮތުން 2024 ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން އައުތްޕޭޝަންޓް (އެނދުމަތި ނުކޮށްދެވޭ ފަރުވާ) ޚިދުމަތްތަކަށް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމުގައި، ޚިދުމަތް ހޯދާ ފަރާތަކީ އަމިއްލަ އިންޝުއަރެންސެއް އޮތް ފަރާތެއްނަމަ، އެ އިންޝުއަރެންސަށް އިސްކަންދިނުމަށްވަނީ ހަމަޖެހިފައެވެ.

އެހެންކަމުން، 2024 ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ފޯރުކޮށްދިނުމުގައި އަންނަނިވި ގޮތަށް ޢަމަލުކުރުމަށް އާސަންދަ ސްކީމުގެ ދަށުން ޚިދުމަތްދޭ ހުރިހާ މަރުކަޒަކަށް މިހާރު ވާނީ އަންގާފައެވެ.

1.  ޞިއްޙީ ޚިދުމަތް ހޯދުމަށް އަންނަ ފަރާތަކީ އަމިއްލަ އިންޝުއަރެންސެއް އޮތް ފަރާތެއްނަމަ، ޚިދުމަތުގެ މެމޯ ތައްޔާރުކުރުމުގެ ކުރިން، އެކަން ކަށަވަރުކޮށް އެ އިންޝުއަރެންސްގެ ކަވަރޭޖް ލިމިޓް ހަމަވަންދެން އެ އިންޝުއަރެންސް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުން.

2.   ހޯދަން އެދޭ ޚިދުމަތަކީ އަމިއްލަ އިންޝުއަރެންސުން ކަވަރކުރާ ޚިދުމަތެއްނަމަ، އެ އިންޝުއަރެންސް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުން (އެންމެހައި ޚިދުމަތްތަކާއި ބޭސްސިޓީ ހިމެނޭގޮތަށް)

3.   މިހާރު ޢަމަލުކުރަމުންދާ އުޞޫލާ އެއްގޮތަށް، އައުޓް ޕޭޝަންޓް ޚިދުމަތްތަކަށް އަމިއްލަ އިންޝުއަރެންސާއެކު އާސަންދައަށް ބިލްނުކުރުން.

4.  އަމިއްލަ އިންޝުއަރެންސްގެ ދަށުން ނުލިބޭ ޚިދުމަތެއް، އާސަންދައިން ލިބޭނަމަ، އެ ޚިދުމަތެއް އާސަންދައިގެ ދަށުން ފޯރުކޮށްދިނުން.

5.   އަމިއްލަ އިންޝުއަރެންސްގެ ކަވަރޭޖް ލިމިޓް ހަމަވެފައިވާނަމަ އަދި އާސަންދައިން އެ ޚިދުމަތެއް ލިބޭނަމަ، އެ ޚިދުމަތެއް އާސަންދައިގެ ދަށުން ފޯރުކޮށްދިނުން

6.   އަމިއްލަ އިންޝުއަރެންސެއް އޮންނަ ފަރާތްތަކުން ހޯދާ ޚިދުމަތާއި ގުޅޭ ކަވަރޭޖް ލިމިޓް ހުސްނުވާނަމަ، ޚިދުމަތް ފޯރުކޮށްދިނުމުގައި އާސަންދަ ޕޯޓަލް ބޭނުންނުކުރުމާއި ބޭސް ސިޓީ ލިޔުމަށް ވިނަވި ޕޯޓަލް ބޭނުން ނުކުރުން

މީގެ އިތުރުން، ޕްރައިވެޓް އިންޝުއަރެންސްގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން އަދި މޯލްޑިވްސް ޑިފެންސް ފޯރސްއިން ހިންގާ ސްކީމްތައް ނުހިމެނޭނެކަމާއި އެނދުމަތިކޮށްގެން ދެވޭ ފަރުވާ (އިންޕޭޝަންޓް) ބިލްތަކަށް މިހާރުވެސް އަމަލުކުރަމުންދާ އުޞޫލުން އާސަންދަ ސްކީމުން ޚިދުމަތް ދިނުމަށްވެސް މި ކުންފުނިން ވާނީ ޚިދުމަތްދޭ ފާރާތްތަކަށް އަންގާފައެވެ.

މި ކަންކަމާ ގުޅިގެން އެއްވެސް އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ އާސަންދަ ކޯލްސެންޓަރު ނަންބަރު 1400 އަށް ގުޅުއްވައިގެން މައުލޫމާތު ހޯއްދެވޭނެއެވެ. އަދި ޚިދުމަތް ދިނުމުގައި މަތީގައި ދަންނަވާފައިވާ ގޮތް ނޫން ގޮތަކަށް އެއްވެސް މަރުކަޒަކުން ޢަމަލުކުރާނަމަ އާސަންދައަށް ޝަކުވާ ހުށަހެޅުމަށް ޤާއިމުކޮށްފައިވާ ޝިކާވަތި ޗެޓްލައިން ނަންބަރު 7951400 އަށް ވައިބަރ/ވަޓްސްއެޕް/ޓެލެގްރާމް މެދުވެރިކޮށް މެސެޖުން ޝަކުވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ޝާއިއު ކުރެވުނީ: 30-10-2024
މި ޕޭޖު ޝެއަރ ކޮށްލައްވާ