ޚަބަރު

'ޑިސްޕެންސް ކޯޑު' ފޮނުވުން މެދުކެނޑުމަކަށްފަހު އަލުން ފަށައިފި – 24 ނޮވެންބަރު 2024

އާސަންދަ ސްކީމްގެ ދަށުން ބޭސް ދޫކުރާއިރު، ބޭހާ ހަވާލުވާ ފަރާތުގެ ފޯނަށް 'ޑިސްޕެންސް ކޯޑު' ފޮނުވުން މެދުކެނޑުމަކަށްފަހު މިއަދު އަލުން ފަށައިފިއެވެ.

އެގޮތުން، ބަލިމީހާއަށް ޑޮކްޓަރު ލިޔެދޭ ބޭހާ ހަވާލުވަނީ ކާކުކަން ކަށަވަރުކުރުމަށްޓަކައި، ބޭހާ ހަވާލުވާން އަންނަ ފަރާތުގެ އައިޑީކާޑު ފާމަސިސްޓަށް ދެއްކުމަށްފަހު، އެފަރާތުގެ ފޯނު ނަންބަރު ދިނުމުން، އެ ނަންބަރަށް 'ޑިސްޕެންސް ކޯޑު' ފޮނުވާނެއެވެ. ފާމަސިސްޓަށް ބޭސް ދޫކުރެވޭނީ ބޭހާ ހަވާލުވާ ފަރާތުގެ މަޢުލޫމާތު ޕޯޓަލަށް އެންޓަރކޮށް، ޕޯޓަލުގެ ތެރެއިން އެ ފަރާތުގެ ފޯނަށް ލިބޭ ކޯޑު ފާމަސިސްޓާ ހިއްސާކުރުމުންނެވެ.

މިއީ، ސްކީމްގެ ތެރެއިން ފޯރުކޮށްދެމުންދާ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަލަށް ތަޢާރަފުކުރި ޚިދުމަތެކެވެ. މި ބަދަލާ ގުޅިގެން، ބޭސްފިހާރަތައް މެދުވެރިކޮށް ބޭސް ލިބިގަތުމުގައި ތަކުރާރުކޮށް އެއްބޭސްތަކެއް ގިނަ ޢަދަދަކަށް އެއްމުއްދަތެއްގައި ނަގަމުންދާ މައްސަލައަށާއި، ބޭސްފިހާރައިން ބޭސް ނެގުމަށްފަހު، ބަލިމީހާއަށް ރައްދުނުކޮށްދޭ މައްސަލައަށް ޙައްލު ލިބިގެންދާނެއެވެ.

މި ކަމާ ގުޅިގެން އެއްވެސް އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ، އާސަންދަ ކޯލްސެންޓަރު ނަންބަރު 1400 އަށް ގުޅުއްވައިގެން މައުލޫމާތު ހޯއްދެވޭނެއެވެ. އަދި ޚިދުމަތް ދިނުމުގައި މަތީގައި ދަންނަވާފައިވާ ގޮތް ނޫން ގޮތަކަށް އެއްވެސް މަރުކަޒަކުން ޢަމަލުކުރާނަމަ، އާސަންދައަށް ޝަކުވާ ހުށަހެޅުމަށް ޤާއިމުކޮށްފައިވާ ޝިކާވަތި ޗެޓްލައިން ނަންބަރު 7951400 އަށް ވައިބަރ/ވަޓްސްއެޕް/ޓެލެގްރާމް މެދުވެރިކޮށް މެސެޖުން ޝަކުވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ޝާއިއު ކުރެވުނީ: 23-11-2024
މި ޕޭޖު ޝެއަރ ކޮށްލައްވާ