ފަހުގެ އަޕްޑޭޓްސް

‏އާސަންދަ ސްކީމުގެ ދަށުން ތައިލެންޑާއި ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ބޭސްފަރުވާ ކުރަން ‏‏ދިއުމަށް ‏‏ހުޅުވާލުން – 15 ޖަނަވަރީ 2025‏

ތައިލެންޑް އަދި ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން މިއަދުން ފެށިގެން އާސަންދަ ސްކީމްގެ ޚިދުމަތް ދޭގޮތަށް ވަނީ ހުޅުވާލެވިފައެވެ. މި ހޮސްޕިޓަލްތަކަށް ޚިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015/R-19) ގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިންނެވެ. 

ތައިލޭންޑް އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ އާސަންދަ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބަލިމީހުން ރިފަރ ކުރުން ފެށިގެންދާއިރު، ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނަރ"އެއް (ޢާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށެވެ. އެއީ، މިހާތަނަށް އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުޞޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ "ފަސްޓް ޑިގްރީ ޑޯނަރ" އަކަށްވުން އެ ޤައުމުތަކުގެ ޤާނޫނާ ގަވާއިދުތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައިނުވާ ފަރާތްތަކެވެ. އާސަންދަ ސްކީމަށް އިތުރުކުރެވިގެންމިދާ އެމްޕެނަލްމަންޓާއެކު މިފަދަ ހާލަތުގައިވާ ފަރާތްތަކަށް ކިޑްނީ ޓްރާންސްޕްލާންޓްކުރުމުގެ މަގުފަހިވެގެންދާނެއެވެ.

ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ޙާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކެވެއެފަދަ ފަރާތްތަކަށް ކަމާބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާއެކު ބަލިމީހާ ރިފަރ ކުރާނެ މަރުކަޒު މި ކުންފުނިން ކަނޑައަޅާ އެފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދެވޭނެއެވެ.

މިއަދު ޔޫއޭއީ އަދި ތައިލެންޑަށް އާސަންދަ ސްކީމުގެ ޚިދުމަތް ފުޅާވެގެންދާއިރު މި ދެންނެވި ދެ ބަޔަށް އިސްކަންދިނުމާއެކު، ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށް ޚިދުމަތް ފުޅާކުރާނެކަންވެސް ފާހަގަކުރަމެވެ.

އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށްއެދި ހުށަހަޅާނީ މިހާރުވެސް ޚިދުމަތަށްއެދޭ ގޮތަށް ކަމުގައިވެސް ދަންނަވަމެވެ. އެގޮތުން އާސަންދަ މޯބައިލް އެޕުންނާއި މައި އާސަންދަ ޕޯޓަލުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ހޮސްޕިޓަލުތަކުގައި ގާއިމުކުރެވިފައިވާ ވިރަ ކައުންޓަރުތަކަށާއި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރަށްވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

ޝާއިއު ކުރެވުނީ: 14-01-2025
މި ޕޭޖު ޝެއަރ ކޮށްލައްވާ