ޚަބަރު

ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުން

"ހުސްނުވާ އާސަންދަ" ސްކީމުގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރު މިވަނީ ފެށިފައެވެ.

 

މި އައު ނިންމުމާއެކު، 1 އެޕްރީލް 2026 އިން ފެށިގެން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެއެވެ. މިކަމަކީ ސިއްޙީ ދާއިރާ ހަރުދަނާކޮށް، ކުއްލި ފަރުވާ ބޭނުންވާ ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށް ކުރަންޖެހޭ ޚަރަދުތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވި މުހިންމު މަސައްކަތެކެވެ.

އާސަންދަ ސްކީމުގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ވަކި ޚާއްޞަ އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން މި ޚިދުމަތް ލިބޭނެ ޙާލަތްތަކުގެ ތެރޭގައި ހިމެނެނީ:

.1 އިމަރޖެންސީގައި ނުވަތަ ކުއްލި ހާލަތްތަކުގައި ގެނެވޭ ފަރާތްތައް

2. މައްޔިތުން އެމްބިއުލާންސް ގައި އުފުލުން

3. އެނދުމަތިކުރެވިފައިވާ (ބެޑްރިޑްން) ފަރާތްތައް އައުޓް ޕޭޝަންޓް ޚިދުމަތް ނެގުމަށް ގެނެވޭ ހާލަތްތަކުގައި

4. ވީލްޗެއަރގައި ގެންގުޅެންޖެހޭ، ފަރާތްތައް (ވީލްޗެއަރ ބައުންޑް) އައުޓް ޕޭޝަންޓް ޚިދުމަތް ނެގުމަށް ގެނެވޭ ހާލަތްތަކުގަ އާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (ފިޒިކަލް ޑިސްއެބިލިޓީ، މެންޓަލް ޑިސްއެބިލިޓީ، އޯޓިޒަމް އަދި ޑައުންސިންޑްރަމް ހުންނަ ފަރާތްތައްވެސް ހިމެނޭހެން) އައުޓް ޕޭޝަންޓް ޚިދުމަތް ނެގުމަށް ގެނެވޭ ހާލަތްތަކުގައި

5. ސިއްޙީ މަ މަރުކަޒުގައި، އެނދުމަތި ކުރެވިފައިވާ ފަރާތެއް އިތުރު ފަރުވާއަކަށް ނުވަތަ ތަޚުލީލަކަށް އެހެން މަރުކަޒަކަށް ގެންދަންޖެހޭ، ހާލަތްތަކުގައި

6. އިވެކުއޭޓް ކުރެވޭ ހާލަތްތަކުގައި ނުވަތަ ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ރިފަރ ކުރެވޭ ހާލަތްތަކުގައި ބަލިމީހާ ޖެޓީއަށް ނުވަތަ އެއަރޕޯޓަށް ގެންދިއުން

7. ތެލަސީމިއާ ބަލި ތަހައްމަލް ކުރާ ފަރާތްތައް އައުޓް ޕޭޝަންޓް ޚިދުމަތް ނެގުމަށް ގެނެވޭ ހާލަތްތަކުގައި

މި ޚިދުމަތް ފުޅާކުރުމަށްޓަކައި މިކަމާ ގުޅޭ ޤަވާއިދުތައް އެކުލަވައިލުމާއި، އާސަންދަ ކުންފުންޏާއި ސިއްޙީ ޚިދުމަތްދޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ އިންތިޒާމުތައް މިވަނީ ފުރިހަމަ ކުރެވިފައެވެ.

މި ބަދަލުގެ ސަބަބުން، ޚާއްޞަކޮށް އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބި، ބަލިމީހުން އުފުލުމުގައި ކުރިމަތިވާ މާލީ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އާސަންދައިން އުންމީދު ކުރަމެވެ.

ޝާއިއު ކުރެވުނީ: 07-04-2026
މި ޕޭޖު ޝެއަރ ކޮށްލައްވާ