ރައްޔިތުންނާ ގާތުން އާސަންދައިގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި އަތޮޅުތަކުގައި އާސަންދައިގެ އައު 8 ކައުންޓަރެއް ހުޅުވައިފިއެވެ.
މި ހުޅުވުނު ކައުންޓަރުތަކާއިއެކު، އަތޮޅުތެރޭގެ 8 ރަށެއްގައި އާސަންދަ ކުންފުނީގެ މުވައްޒަފުން މެދުވެރިކޮށް ހިދުމަތްތައް ރަށުން ލިބިގެންދާނެއެވެ. އަލަށް ކައުންޓަރުތައް ހުޅުވިފައިވާ އަތޮޅައި ރަށްތަކަކީ
1. ރ. އުނގޫފާރު
2. ބ. އޭދަފުށި
3. ޅ. ނައިފަރު
4. އދ. މަހިބަދޫ
5. ދ. ކުޑަހުވަދޫ
6. ލ. ގަން
7. ގދ. ތިނަދޫ
8. ޏ. ފުވައްމުލަކު ސިޓީ
މީގެ ކުރިން އާސަންދައިގެ ކައުންޓަރުތައް ޤާއިމުކުރެވި ޚިދުމަތް ދެމުންދަނީ މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށި ސިޓީގައެވެ.
މި އިތުރުކުރެވުނު ކައުންޓަރުތަކުގެ ސަބަބުން، ބޭސްފަރުވާގެ އެހީއަށް އެދުމުގައާއި، ކުންފުންޏާއިގުޅުންހުރި އެހެނިހެން އިދާރީ ކަންކަމުގައި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ .ޚާއްޞަކޮށް، ރަށުން ބޭރަށް ނުގޮސް އާސަންދައިގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތާއި އެހީތެރިކަން ހޯދުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ޞިއްޙީ ހުރިހާ ޚިދުމަތްތަކަކީ ރައްޔިތުންނަށް ވީހާވެސް ގާތުން ލުއިފަސޭހަކަމާއެކު ލިބޭނެ ޚިދުމަތްތަކަކަށް ހެދުމަށްޓަކައި ސިދާ ރައީސުލް ޖޫމްހޫރިޔްޔާގެ އަމިއްލަފުޅު އިސްނެންގެވުމެއްގެ ދަށުން ކުރިއަށް ގެންދެވޭ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން، އަރބަން ސެންޓަރުތައް ޤާއިމުކޮށްފައިވާ ރަށްތަކައިއެކު އާސަންދައިގެ ކައުންޓަރުތަކެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.