އެމަޖެންސީ އިވެކުއޭޝަނަކީ ކޮބާ؟
މިއީ އިމަޖެންސީ/ކުއްލި ހާލަތްތަކުގައި ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި، ފަރުވާ ލިބެންހުރި އެންމެ ކައިރި ސިއްޙީ މަރުކަޒަށް ބަލިމީހުން ގެންގޮސްދިނުމަށް ޤާއިމުކޮށްފައިވާ ޚިދުމަތެއް.
އިމަޖެންސީ އިވެކުއޭޝަނަށްދަނީ ކޮން ހާލަތްތަކެއްގައި؟
ބަލިމީހާއަށް ބޭނުންވާ ފަރުވާ، ބަލިމީހާ އޮތް ސިއްޙީ މަރުކަޒުގައި ލިބިދެވެން ނެތްނަމަ، އަދި އެ ފަރުވާ ވަގުތުން ނުދެވިއްޖެނަމަ، ބަލިމީހާގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެފަދަ ނުވަތަ ބަލިމީހާއަށް ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެދާނެފަދަ ހާލަތްތަކުގައި.
ކުއްލި ހާލަތުގައި ބަލިމީހުން އެހެން ތަނަކަށް ބަދަލުކުރުމަށް (އިމަޖެންސީ އިވެކުއޭޝަން) އެދޭނީ ކިހިނެއް؟
ބަލިމީހާއަށް ފަރުވާދޭ ޑޮކްޓަރު، އެވަގުތު ބަލިމީހާ އޮތް ސިއްހީ މަރުކަޒުން ނުވަތަ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ނުވަތަ ބޭނުންވާ ޚާއްޞަ ފަރުވާ ދެވެން ނެތްކަމަށް ނިންމުމުން، އެކަމާ ގުޅޭގޮތުން ބަލިމީހާ ބަދަލުކުރަންޖެހޭ މަރުކަޒާ ޑޮކްޓަރު މަޝްވަރާކުރައްވާނެއެވެ. އެއަށްފަހު، އިމަޖެންސީގައި ބަލިމީހާ ބަދަލުކުރުމުގެ ހުއްދަ ހޯދުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތައް އާސަންދައަށް ފޮނުވާނީ އެ ފަރުވާދޭ ޑޮކްޓަރެވެ.
ބަލިމީހާ އެހެން މަރުކަޒަކަށް ބަދަލުކުރެވޭނީ ކޮންއިރަކު؟
ބަލިމީހާ އެހެން މަރުކަޒަކަށް ބަދަލުކުރެވޭނީ، ބަލިމީހާ ހުރި މަރުކަޒުގައި ބަލިމީހާއަށް ދޭންޖެހޭ ޚާއްޞަ ފަރުވާ ދެވެން ނެތްކަން ކަށަވަރަކުކޮށް އެކަން އެންގުމުންނެވެ.
މެޑިފް (މެޑިކަލް އިންފޮމޭޝަން ފޯމް) އަކީ ކޮބާ؟
މެޑިފްއަކީ ބަލިމީހަކު ވައިގެ މަގުން ދަތުރުކުރަންޖެހޭ ޙާލަތެއްގައި ސްޓްރެޗަރ، އޮކްސިޖަން، ވެންޓިލޭޓަރ، އިންކިއުބޭޓަރ ފަދަ ޚާއްޞަ އެހީތެރިކަމެއް ބަލިމީހާއަށް ބޭނުންވާނަމަ އެކަން ބަޔާންކޮށް ޑޮކްޓަރު ފުރިހަމަކުރަންޖެހޭ ފޯމެކެވެ.
އިމަޖެންސީ އިވެކުއޭޝަނެއްގައި ބަލިމީހާ ބަދަލުކުރެވޭނީ ކިހިނެއް؟
ބަލިމީހާ ރިފަރ ކުރުމުގެ ހުއްދަ ލިބުމުން، އާސަންދަ ޓީމުން ދަތުރުފަތުރުގެ ކަންކަން ހަމަޖެހޭނެ ގޮތެއް ނިންމުމަށްފަހު، ބަލިމީހާ ފޮނުވާ ސިއްހީ މަރުކަޒަށް ނުވަތަ ހޮސްޕިޓަލަށް އެކަން އަންގާނެއެވެ.
ބަލިމީހާއާއެކު ކިތައް އެހީތެރިންނަށް ދަތުރުކުރެވިދާނެތޯ؟
ސީ އެމްބިއުލަންސް ނުވަތަ ހޮސްޕިޓަލުގެ ދަތުރުފަތުރުގެ ހިދުމަތް ނުލިބިއްޖެނަމަ ހަދާނީ ކިހިނެއް؟
މިފަދަ ހާލަތްތަކުގައި، ސިއްހީ ހިދުމަތްދޭ މަރުކަޒު މެދުވެރިކޮށް އަމިއްލަ ލޯންޗެއް ކުއްޔަށް ހިފިދާނެއެވެ. ނަމަވެސް، ދަތުރު ފެށުމުގެ ކުރިން އެ ލޯންޗަށް ހިނގާނެ ހަރަދު އާސަންދަ ކުންފުނިން އެޕްރޫވް ކުރަންވާނެއެވެ. އަދި ލޯންޗުގެ ބިލު އާސަންދަ ކުންފުންޏަށް ހުށަހަޅަންވާނީ ބަލިމީހާ ގެންދެވުނު ލޯންޗުގެ ވެރިފަރާތުންނެވެ.
ސީ އެމްބިއުލާންސް ނުވަތަ އެމް.އެޗް.އެލް ޓްރާންސްޕޯޓްގެ ޚިދުމަތް ލިބެން ނެތުމުގެ ސަބަބުން، އަމިއްލަ ގޮތުން ލޯންޗެއް ކުއްޔަށް ހިފައިގެން ދަތުރުކުރަން ޖެހިއްޖެ ނަމަ، އެކަމަށް ހިނގާ ޚަރަދު ބަލިމީހާއަށް އަނބުރާ ލިބޭނެތޯއެވެ؟
ނޫން. އާސަންދަ ސްކީމުގެ ދަށުން އަމިއްލައަށް ކުރާ ހަރަދުތަކަށް ފައިސާ އަނބުރާ ދޫކުރުމުގެ (ރީއެމްބާސް ކުރުމުގެ) އުސޫލެއް ނޯވެއެވެ.
ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމުގެ (އިވެކުއޭޝަން) ޚިދުމަތް ހޯދުމަށް، އަލަށް އުފަންވާ ކުދިންނަށް އެކުދިންގެ މައިންބަފައިންގެ އައިޑީ ކާޑު ބޭނުންކުރެވިދާނެ ހެއްޔެވެ؟
އަލަށް އުފަންވާ ކުދިންނަށް 28 ދުވަސް ފުރެންދެން، މަންމަގެ އައިޑީ ކާޑު ނަންބަރު ބޭނުންކޮށްގެން ސްކީމްގެ ދަށުން ޚިދުމަތް ހޯދޭނެއެވެ.
ނަމަވެސް، ބައްޕަގެ އައިޑީ ކާޑު ބޭނުންކުރެވޭނީ ކުއްޖާގެ މަންމައަކީ ބޭރު ގައުމެއްގެ މީހެއް ނަމައެވެ. މިގޮތަށް ބައްޕަގެ އައިޑީ ކާޑު ބޭނުންކުރެވޭނީވެސް ކުއްޖާއަށް 28 ދުވަސް ފުރެންދެނެވެ.
މަންމަގެ އައިޑީ ކާޑު ބޭނުންކޮށްގެން ތުއްތު ކުދިން އިމަޖެންސީގައި ބަދަލުކުރުމުގެ އިޖުރާއަތަކީ ކޮބައި؟
ކުއްޖާއާއެކު މަންމައަށް ދަތުރުނުކުރެވޭ ހާލަތެއްނަމަ، މަންމަ އެޑްމިޓްކޮށްފައިވާ ސިއްހީ މަރުކަޒުގައި މަންމަގެ އައިޑީ ކާޑުގެ ކޮޕީއެއް ބޭއްވުމަށްފަހު، އައިޑީ ކާޑުގެ އަސްލު ކުއްޖާއާއެކު ފޮނުވަންވާނެއެވެ. އަދި މިފަދަ ހާލަތްތަކުގައި ކުއްޖާގެ އަމިއްލަ އައިޑީ ކާޑު ހެއްދުމުގެ ކަންކަން ވީހާވެސް އަވަހަށް ކުރިއަށް ގެންދަންވާނެއެވެ.
އިމަޖެންސީގައި ބަލިމީހުން އުފުލުމުގައި ވައިގެ ދަތުރުފަތުރާ ގުޅޭ އުސޫލަކީ ކޮބައި؟
އާސަންދައިގެ ދަށުން ބަލިމީހާއަށާއި އެހީތެރިޔާއަށް ދޫކުރާނީ އެއްކޮޅު ޓިކެޓެވެ. ނަމަވެސް، މެޑިކަލް އެސްކޯޓެއް (ޑޮކްޓަރެއް ނުވަތަ ނަރުހެއް) ބޭނުންވާ ހާލަތްތަކުގައި، އެ ބޭފުޅުންނަށް ދެކޮޅު ޓިކެޓް އާސަންދައިން ހަމަޖައްސައިދޭނެއެވެ.
މެޑިކަލް އެސްކޯޓުގެ ގޮތުގައި ދާ ފަރާތްތަކުގެ ހުރުމާއި ކެއުމުގެ ހަރަދު އާސަންދައިން ދޭނެތަ؟
ނޫން، އެ ހަރަދެއް އާސަންދައިން ނުދޭނެއެވެ.
ކުއްލި ހާލަތްތަކުގައި ބަލިމީހުން އެއްތަނުން އަނެއްތަނަށް ބަދަލުކުރުމުގެ (އިވެކުއޭޝަން) އިންތިޒާމުތައް ހަމަޖައްސަނީ ކޮން ފަރާތްތަކަކުން ހެއްޔެވެ؟
ކަނޑުމަގުން ބަލިމީހާ އުފުލަންޖެހޭ ހާލަތްތަކުގައި، ސީ އެމްބިއުލާންސް ނުވަތަ މޯލްޑިވްސް ހެލްތު ލައިން (MHL) މެދުވެރިކޮށް ދަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދޭނީ އާސަންދަ މެދުވެރިކޮށެވެ.ސީ އެމްބިއުލާންސް ނުވަތަ މޯލްޑިވްސް ހެލްތު ލައިންގެ ހިދުމަތް ލިބެން ނެތް ހާލަތްތަކުގައި، އަމިއްލަ ލޯންޗެއް ކުއްޔަށް ހިފުމުގެ އިންތިޒާމުތައް ހަމަޖައްސާނީ އެ ބަލިމީހަކަށް ފަރުވާދޭ ސިއްހީ ހިދުމަތްދޭ މަރުކަޒުންނެވެ.ވައިގެ މަގުން ބަލިމީހާ އުފުލަންޖެހޭ ހާލަތްތަކުގައި، އެއާލައިންގެ ރިޒަވޭޝަން ހެދުމުގެ ކަންކަން ކުރިއަށް ގެންދާނީ ސިއްހީ ހިދުމަތްދޭ މަރުކަޒުންނެވެ. އަދި 'މޯލްޑިވިއަން' އިން އެ ރިޒަވޭޝަންގެ މައުލޫމާތު، ހުއްދަ ހޯދުމަށްޓަކައި އާސަންދައަށް ފޮނުވާނެއެވެ.އެއާ އެމްބިއުލާންސް މެދުވެރިކޮށް ބަލިމީހާ އުފުލުމަށް ހުއްދަ ލިބިއްޖެނަމަ، އާސަންދައިން ސިއްހީ މަރުކަޒުން ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށްފަހު، އެ މައުލޫމާތުތައް މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސަސް (MEMS) އަށް ފޮނުވާނެއެވެ. އެއީ ދަތުރުގެ އިންތިޒާމުތައް އެ ފަރާތުން ހަމަޖެއްސުމަށްޓަކައެވެ.
ބަލިމީހާއާއެކު ޞިއްޙީ އެހީތެރިން ހަމަޖައްސަނީ ކޮން ޙާލަތްތަކެއްގައިތޯ؟
ބަލިމީހާއާއެކު ދަތުރުކުރާނެ ޞިއްޙީ އެހީތެރިން ކަނޑައަޅަނީ ބަލިމީހާގެ ޙާލަތަށާއި، ދަތުރުމަތީގައި ބަލިމީހާއަށް ދޭންޖެހޭ ފަރުވާއަށް ބެލުމަށްފަހު، އާސަންދައިގެ ޓީމުންނެވެ.
މެޑިކަލް އެސްކޯޓުގެ ގޮތުގައި މާލެދާ ފަރާތްތަކަށް މާލޭގައި މަޑުކުރެވޭނީ ކިހާ މުއްދަތަކަށް؟
ބަލިމީހާ ހޮސްޕިޓަލާ ހަވާލުކުރުމަށްފަހު، އެންމެ އަވަހަށް އޮންނަ ފްލައިޓަކުން އެނބުރި ރަށަށް ދާންވާނެއެވެ.
ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް ބޭނުންވާ އެއްގަމު އެމްބިއުލާންސްގެ އިންތިޒާމުތައް އާސަންދައިން ހަމަޖައްސައިދޭނެ ހެއްޔެވެ؟
ނޫނެވެ. އެއްގަމު އެމްބިއުލާންސް ހޯދުމުގެ އިންތިޒާމުތައް އާސަންދަ މެދުވެރިކޮށް ހަމައެއް ނުޖެއްސޭނެއެވެ. ނަމަވެސް، އެމްބިއުލާންސް ބޭނުންކުރުމަށް ހިނގާ ޚަރަދު އާސަންދަ ސްކީމްގެ ތެރެއިން ހަމަޖައްސައިދެވޭނެއެވެ.