އާސަންދަ ސްކީމް

ހުސްނުވާ އާސަންދައިގެ ދަށުން ލިބިދެވޭ ޚިދުމަތްތައް

ތިރީގައިވާ ޚިދުމަތްތައް ފިޔަވާ އެހެން ހުރިހާ ޞިއްޚީ ޚިދުމަތެއް އާސަންދަ ސްކީމުގެ ދަށުން ލިބިދެވޭނެއެވެ.

  1. ކޮޓަރީގައި އެޑްމިޓްކުރެވޭ ބަލިމީހާގެ ޕްރައިވެޓް ކޮޓަރި ފީ.
  2. އާސަންދަ ޚިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓްރީ ކޮށްފައިނުވާ މަރުކަޒަކުން ދެވޭ ޚިދުމަތްތައް.
  3. ރަލާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދެވޭ ޙާއްސަ ފަރުވާ (ޑިޓޮކްސިފިކޭޝަން އާއި މެތަޑޯން) އެއީ ވަކި ބަޖެޓަކުން ސަރުކާރުގެ ވަކި މުއައްސަސާއަކުން ހަމަޖެހިގެން ކުރާ ފަރުވާއަކަށްވާތީ.
  4. ހަށިގަނޑު ރީތިކުރުމުގެ ގޮތުން ކުރެވޭ ހުރިހާ ބާވަތެއްގެ ފަރުވާ (މީގެ ތެރޭގައި ދަތުގައި ނަރުގަނޑު އެޅުވުން، އަދި ދަތްތައް ރީތި ކުރުން ފަދަ ކަންތައް ހިމެނޭ) އަދި މީގެ އިތުރުން ކޮންޓެކްޓް ލެންސް އަދި އަވިއައިނު.
  5. ނުކުޅުދުންރެތިކަން ހުންނަ މީހުންނަށް ބޭނުންވާ (ހިއަރިންގ އެއިޑް، ވީލްޗެއަރ ފަދަ) އާލާތްތަކުގެ ޚަރަދު. އެއީ އެންސްޕާގެ ވަކި ބަޖެޓަކުން ހަމަޖައްސައިދޭ ކަންކަމަކަށް ވާތީ.
  6. ބޮލުން އިސްތަށި ފޭބުން ހުއްޓުވުމަށް ނުވަތަ އަލުން އިސްތަށި ފެޅުވުމަށް ނެގޭ ފަރުވާ.
  7. ގުގުރި ދެމުން ހުއްޓުވުމަށް ދެވޭ ފަރުވާ.
  8. ކަސްރަތުކުރުމަށް ހިނގާ ޚަރަދާއި ބޭނުންވާ އެކިއެކި ސާމާނު.
  9. ޑޮކްޓަރުގެ ބޭސް ސިޓީއަކާއި ނުލާ ގަންނަ ބޭސްތަކާއި ޑޮކްޓަރުގެ ލަފަޔަކާއި ނުލާ ހަދާ ޓެސްޓުތައް.
  10. ޑޮކްޓަރެއްގެ އެޑްމިޝަން ސްލިޕަކާއި ނުލާ، ހަމައެކަނި ތަޙުލީލުތަކެއް ކުރުމަށް ނުވަތަ އެކްސްރޭ ނެގުމަށް ނުވަތަ މެޑިކަލް ޗެކްއަޕް ހެދުމަށް ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށް ހިނގާ ޚަރަދުތައް.
  11. ކާނާގެ ބާވަތްތަކާއި، ކާނާގެ ބައިތައް ހަށިގަނޑަށް ލިބިދިނުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ އެކިކަހަލަ ސަޕްލިމެންޓްތަކާއި، އަދި މިނޫންވެސް ރީތިވުމަށް ބޭނުންކުރާ އެކި ކަހަލަ ސާމާނު، މިސާލު:ޝޭމްޕޫ، ސައިބޯނި، ދަތް އުނގުޅާ ބޭސް ފަދަ ތަކެތި (ޑޮކްޓަރ ބޭސްސިޓީގައި ލިޔެދެއްވިކަމުގައި ވިޔަސް).
  12. ކައުންސެލިންގް ދިނުމަށް ހިނގާ ޚަރަދުތައް. (ނަމަވެސް ކުލިނިކަލް ސައިކޮލޮޖީ ކައުންސެލިން ކަވަރު ކުރާނެ)
  13. މަސާޖު ކުރުން/ މަސާޖު ކުރުމަށް އެދާ ޚަރަދުތައް.
  14. ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ކުރެވޭ އެކިކަހަލަ ފަރުވާތައް.
  15. އެޑްމިޓްކޮށްފަ ނުވަތަ އޮބަޒަވޭޝަންގަ އޮންނަ ވަގުތު ހިނގާ ޓީ.ވީ/ރޭޑިއޯ، ފޯނު އަދި ކެއުންފަދަ ޚަރަދުތައް.
  16. އަޖުމަ ބެލުމަށް ކުރެވޭ ތަޙުލީލުތަކާއި، ހުއްދަ ނުކުރެވޭ ފަރުވާތައް (ހުއްދަނުކުރުވޭ ފަރުވާތަކަކީ ހަމައެކަނި ދިރާސާކުރުމުގެ މަޤުޞަދުގައި ކުރެވޭ ތަޙްލީލުތަކާއި ފަރުވާތައް)
  17. ޖިންސީ ފުއްދުން ތެރިކަން އިތުރުކުރުމަށް ކުރެވޭ ފަރުވާ.
  18. ޖިންސީ ގުނަވަނެއް ބަދަލު ކުރުމާއި ގުޅިފައިވާ ފަރުވާ.
  19. ވެކްސިން (ނޭޝަނަލް އިމިއުނިޒޭޝަން ޝެޑިއުލްގެ ތެރެއިން ހިލޭ ލިބޭ ފަރުވާ އަކަށް ވާތީ)
  20. ކޮމްޕްލިމެންޓަރީ މެޑިސިން (އަޔުރުވެދިކް، ޔޫނާއީ، އެކިއުޕަންކްޗަރ، ދިވެހިބޭސް، ޗައިނީޒް މެޑިސިން) އަދި މިނޫންވެސް މިފަދަ ފަރުވާތައް.
  21. އިކޮނޮމީ ކްލާސް ނޫން އެހެން ކްލާސްތަކުގެ ޓިކެޓް އަގު.
  22. ޞިއްޙީ ގޮތުންނާއި ދީނީގޮތުން ހުއްދަ ނުކުރާ އެބޯޝަންތައް (މިކަން ކަނޑައަޅާނީ ކުންފުންޏަށް ހުށަހަޅާ ޑޮކްޓަރުގެ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް ކުންފުނީގެ މެޑިކަލް ޑިޕާޓްމަންޓުން).