"ހުސްނުވާ އާސަންދަ" އަކީ ދިވެހިރައްޔިތުންނަށް ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމަށްޓަކައި އެކުލަވައިލެވިފައިވާ ޔުނިވާސަލް ހެލްތު ސްކީމެކެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހޯދޭނެ މަގު ތަނަވަސްވެ، ޞިއްޙީ ޚިދުމަތްތަކަށް އަމިއްލަ ޖީބުން ކުރަންޖެހޭ ޚަރަދުތައް ކުޑަވެ، ޢާއިލާތަކަށް ކުރިމަތިވާ އިޤްތިޞާދީ ލޮޅުންތަކުން ސަލާމަތްވެތިބުމަށް މި ސްކީމުން މަގުފަހިކޮށްދެއެވެ.
'ހުސްނުވާ އާސަންދަ' ސްކީމަކީ ކުރިން ބޭނުންކުރަމުންދިއަ 'އާސަންދަ' ސްކީމަށް ބަދަލުތަކެއް ގެނެސް، ޚިދުމަތްތައް އިތުރުކޮށް ކޮންމެ ރައްޔިތަކަށް އަހަރަކަށް ކަނޑައެޅިފައިވާ 100،000(އެއް ލައްކަ) ރުފިޔާގެ ލިމިޓް އުވާލުމަށްފަހު އެކުލަވާލާފައިވާ ސްކީމެކެވެ.