އާސަންދަ ސްކީމް

ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުން

އާސަންދައިގެ ދަށުން ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމުގެ ނިޒާމަކީ، އަވަސް ފަރުވާ ބޭނުންވާ ބަލިމީހުން އެ ފަރުވާ ލިބެންހުރި އެންމެ ގާތް ސިއްހީ މަރުކަޒަކަށް ބަދަލުކުރުމަށްޓަކައި، ރަށްރަށުގެ ސިއްހީ މަރުކަޒުތަކާ ގުޅިގެން ވިލަރެސްކުރެވޭ މަސައްކަތެކެވެ. މީގެ ތެރޭގައި، ބަލިމީހާ ފޮނުވާ މަރުކަޒާއި، ބަލިމީހާ ބަލައިގަންނަ މަރުކަޒުގެ އިތުރުން، ކަނޑު އެމްބިއުލާންސް، މޯލްޑިވްސް ހެލްތު ލައިން (MHL)، މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސާވިސަސް (MEMS)، ސްޕީޑްބޯޓު އޮޕަރޭޓަރުން އަދި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކާ ގުޅިގެން، ހަލުވިކަމާއެކު މުއާމަލާތްކޮށް އަވަސް ނިންމުންތައް ނިންމުން ހިމެނެއެވެ. މި މަސައްކަތުގެ މައިގަނޑު އަމާޒަކީ، އެއްވެސް ލަސްކުރުމެއް ނެތި ބަލިމީހާއަށް ބޭނުންވާ ފަރުވާ ވީހާވެސް އަވަހަށް ފޯރުކޮށްދިނުން ކަށަވަރުކުރުމެވެ.

 

އިވެކުއޭޝަން ކުރިއަށްދާ ގޮތް

ކުއްލި ހާލަތުގައި ބަލިމީހުން އުފުލައިދޭނެ ހާލަތްތައް:

  • އަވަސް ފަރުވާ ބޭނުންވާ ނުރައްކާތެރި ބަލިތައް ތަހައްމަލުކުރަމުންދާ ބަލިމީހުން.
  • ފަރުވާ ލަސްވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ ބަލިމީހުން.
  • ބަލިމީހާގެ ހާލަތަށް ބަލައި އަދި ދަތުރުފަތުރުގެ ވަސީލަތްތައް ހުރި މިންވަރަކުން ވައިގެ މަގުން ނުވަތަ ކަނޑުގެ މަގުން ބަލިމީހާ ބަދަލުކުރެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

  • ފަރުވާދޭ ޑޮކްޓަރު ފުރިހަމަކޮށްފައިވާ "އިމަޖެންސީ އިވެކުއޭޝަން ރިފަރަލް ފޯމް".
  • ވިނަވި ޕޯޓަލް (vinavi.aasandha.mv) މެދުވެރިކޮށް ރިކުއެސްޓް ހުށަހެޅުން.
  • ބަލިމީހާގެ މެޑިކަލް ލިޔެކިޔުންތަކާއި ޓެސްޓް ރިޕޯޓްތައް އަޕްލޯޑްކުރުން.
  • މެޑި ފޯމް (ބޭނުން ވާނަމަނަ)
  • އެސް.ބީ.އޭ.އާރު (ބޭނުން ވާނަމަނަ)
  • އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ (ބޭނުން ވާނަމަނަ)

 

ދަތުރުފަތުރުކުރާނެ ގޮތް ނިންމުން:

ބަލިމީހާ އުފުލާނެ ގޮތް ނިންމާނީ އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހުއެވެ:

  • ބަލިމީހާގެ ސިއްހީ ހާލަތު.
  • ފަރުވާ ދޭންޖެހޭ މަރުކަޒަށް ހުރި ދުރުމިން.
  • ދަތުރުފަތުރުގެ ވަސީލަތްތައް ލިބެން ހުރި މިންވަރު.


ސީ އެމްބިއުލާންސްގެ ޚިދުމަތް ލިބެން ނެތް ހާލަތްތަކުގައި، ބަލިމީހާ ފޮނުވާ ސިއްހީ މަރުކަޒުން އާސަންދައިގެ ހުއްދަޔާއެކު މިނިސްޓްރީ އޮފް ހެލްތުގެ ލޯންޗު ހަމަޖެއްސިދާނެއެވެ. މި ދެ ގޮތުން ކުރެ ގޮތެއް ނެތް ނަމަ، އާސަންދައިގެ އިޒުނައާއެކު އަމިއްލަ ލޯންޗެއް ހަމަޖެއްސުމުގެ ފުރުސަތު ބަލިމީހާ ފޮނުވާ މަރުކަޒަށް އޮންނާނެއެވެ. މިފަދަ ހާލަތްތަކުގައި ލޯންޗު ކުއްޔަށް ދޫކުރާ ފަރާތުން ބިލު ހުށަހަޅަންވާނީ ސީދާ އާސަންދަ ކުންފުންޏަށެވެ.

ބަލިމީހާ ނުވަތަ އާއިލާއިން އަމިއްލައަށް ދަތުރުގެ ޚަރަދުކޮށް، އެ ފައިސާ އަނބުރާ ހޯދުމަށް (ރީއިމްބާސްމަންޓަށް) ހުށަހެޅުމަކީ އާސަންދަ ސްކީމްގެ ދަށުން ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، އަމިއްލަ ގޮތުން ދަތުރުފަތުރު ހަމަޖައްސައި ފައިސާ ދައްކައިފިނަމަ، އެ ފައިސާ އަނބުރާ ނުލިބޭނެއެވެ.

 

ވައިގެ މަގުން ބަލިމީހުން އުފުލުމާ ގުޅޭ:

  • ބަލިމީހާ އާއި އެހީތެރިއަކަށް ދަތުރުގެ އެއްކޮޅު ޓިކެޓް ހަމަޖައްސައިދެވޭނެއެވެ.
  • ބަލިމީހާއަކީ 2 އަހަރުން ދަށުގެ ކުއްޖެއްނަމަ، މަންމަގެ އިތުރުން އެހީތެރިއެއްގެ ޓިކެޓް ހަމަޖައްސައިދެވޭނެއެވެ.
  • މެޑިކަލް އެސްކޯޓެއް (ޑޮކްޓަރެއް ނުވަތަ ނަރުހެއް) ބޭނުންވާ ހާލަތްތަކުގައި، އެ ފަރާތަށް ދެކޮޅު ޓިކެޓް ހަމަޖައްސައިދެވޭނެއެވެ.
  • ބަލިމީހާ، އެހީތެރިޔާ ނުވަތަ މެޑިކަލް އެސްކޯޓުގެ ހުރުމާއި ކެއުމުގެ ޚަރަދަކީ އާސަންދަ ސްކީމުން ކަވަރުކޮށްދޭ ޚަރަދުތަކެއް ނޫނެވެ.

 

އެއަރ އެމްބިއުލާންސްގެ ޚިދުމަތާ ގުޅޭ:

  • ބަލިމީހާގެ އިތުރުން ދެ އެހީތެރިންނަށް ދަތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.
  • މެޑިކަލް އެސްކޯޓެއްގެ ގޮތުގައި ދާ ޑޮކްޓަރަށް ނުވަތަ ނަރުހަށް ދެކޮޅު ޓިކެޓް ހަމަޖައްސައިދެވޭނެއެވެ.
  • ބަލިމީހާ، އެހީތެރިޔާ ނުވަތަ މެޑިކަލް އެސްކޯޓުގެ ހުރުމާއި ކެއުމުގެ ޚަރަދު އާސަންދަ ސްކީމުން ހަމައެއް ނުޖައްސައިދޭނެއެވެ.